ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެންކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ފޭސް 3 ހިއްކުމަށް ބޭނުންކުރަމުންދަނީ ސެގްރިގޭޓްކޮށްފައިވާ ސީއެންޑީ (ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން) ކުނި ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ އެއީ ކުނި އަޅައިގެން ހިއްކާ ތަނެއް ނޫންކަމަށާއި އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއްކަމަށް ވިދާޅުވެފައެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެންކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އެކަން ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށާއި، އެތަން ހިއްކަމުން ދަނީ ސީއެންޑީ އަޅައިގެންކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސީއެންޑީ އަޅަނީ ވަރަށް ބޮޑަށް ބަލާ ވަކިކޮށްގެންނެވެ.
ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެތި ނުވަތަ ކުނިތަކެވެ. މިފަދަ ކުނީގެ ތެރޭގައި ސިމެންތި، ލަކުނޑި، ދަގަނޑު، ޑްރައިވޯލް، އަދި ގާފަދަ ބަރު ތަކެތި ހިމެނެއެވެ. މި ކުނި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމުން ވަރަށް ފަސޭހައިން ރިސައިކަލް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކުނިގޮޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވެއެވެ.
ކުނި އަޅައިގެނެއް ނޫން ހިއްކަމުން މިގެންދަނީކީ. އަޅުގަނޑުމެން މިތަނަށް މިއަޅަނީ ސީއެންޑީ. ސީއެންޑީ އަޅުގަނޑުމެން އަޅާއިރުވެސް އަޅުގަނޑުމެން މިއަޅަނީ ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓްކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓްކޮށްފައި. ޢަލީ ޒުހައިރު
އެޗްޑީސީގެ އެމްޑީ ވިދާޅުވީ، ފޭސް 3 ހިއްކުމުގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަމުންދާކަމަށެވެ.ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ މުޅިން ހަޤީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. އަދި ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެކަމަށްވެސް ރައީސް ވަނީ ޔަގީންކަން ދެއްވާފައެވެ.
އަޅުގަނޑު ދަންނަވަން ކުނި އަޅައިގެން ނުހިއްކާނެކަން. މިހާރު މި ދިމާވެގެން އުޅޭ ގޮތައް އަޅުގަނޑަށް ލަފާކުރެވެނީ އަދި އެޗްޑީސީގެ އެމްޑީވެސް ވިދާޅުވި ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި އެތާހުރި ކުނިތައް ނެގިން. ނަގާފައި އެތަނަށް ގާކުނޑި އެޅީ ގާކުނޑި އެޅި އެތަންކޮޅު ކައިރިއަށް. އަޅާފަ ދެން އޭގެ ދުރަށް ހަމަ އެހެންޏާވެސް ހިއްކާގޮތައް ބިން ހިއްކަން ވެލި އަޅާހެން އަޅައިގެން. ހިއްކާއިރު އެހިސާބުގަނޑު މަސައްކަތް ހިނގިއިރުގައި ފަހަރެއްގައި ހީފުޅުވެދާނެ އެތަނަށް އެޅީ ކުންޏޭ. ކުނިއަޅައިގެނެއް އެއްވެސް ތަނެއް ނުހިއްކާނެ. ރައީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިތުރަށް ފާހަގަކުރެއްވީ ކުނި އަޅައިގެން ތަންތަން ހިއްކުމަކީ ސަރުކާރުން އެކަން ކުރާގޮތެއް ނޫންކަމަށެވެ. އަދި މި މަސައްކަތްތައް ކުރަނީ އިންޓަނޭޝަނަލް ކޮންޓްރެކްޓަރުންކަމަށާއި، އެމީހުންނަށް އެ މަސައްކަތް ހަވާލުކުރަނީ އީއައިއޭ (އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް) ހަދައިގެންކަމަށެވެ.


