The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އަހަރެއްވެފައިވާ މީޑިއާތަކަށްވެސް މާލީ އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް، އެކަމާ ގުޅޭ އުސޫލަށް މުހިންމު ބަދަލެއް ގެނެސްފިއެވެ. މި ބަދަލާއެކު ދައުލަތުގެ އެހީ ލިބޭ މީޑިއާތަކުގެ އަދަދު ގާތްގަނޑަކަށް 60 އަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ.

މީޑިއާތައް ރެގިއުލޭޓްކުރައްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން (އެމް.އެމް.ބީ.ސީ)  ވިދާޅުވީ، އުސޫލަށް ގެނައި މި ބަދަލަކީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ގެނައި މުހިންމު ބަދަލެއް ކަމަށެވެ.

ޝަރުތުތަކަށް ލުޔެއް: ތިން އަހަރުގެ ބަދަލުގައި އެއް އަހަރު

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19ވަނަ ދުވަހުއެވެ. އޭރު އެކުލަވާލި އުސޫލުގައިވާ ގޮތުން ދަޢުލަތުން އަމިއްލަ މީޑިއާތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަށް އެދެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ 3 އަހަރު ވެފައިވާ މީޑިއާތަކަށެވެ.

އެހެންނަމަވެސް މި ޝަރުތުތަކަށް ބަދަލުގެނެސް މިއަދު އާންމުކުރެއްވި އައު އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި އެހީއަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި، މި ބަދަލާއެކު، ކުރިން ޝަރުތު ހަމަވި 18 މީޑިއާގެ ބަދަލުގައި، ގާތްގަނޑަކަށް 60 މީޑިއާއަކަށް ދައުލަތުގެ އެހީ ލިބޭނެކަމަށް ލަފާކުރެވެއެވެ.

މާކްސް ދިނުމުގައި މީޑިއާގެ ކުރިއެރުމަށް އިސްކަންދޭނެ

އައު އުސޫލުގައި ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މީޑިއާ ހައުސްތައް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބަލައި މާކްސް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ޕަބްލިކް ސާވިސް ކޮންޓެންޓް ނުވަތަ އާންމު ހޭލުންތެރިކަމުގެ ދާއިރާ ފުޅާކުރަން ކުރާ މަސައްކަތްތައް ހިމެނެއެވެ. މިއިން ކޮންމެ ދާއިރާއަކުން ފަސް މާކްސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ފައިސާ ދޫކުރުމުގެ ނިޒާމަށް އައި ބަދަލު

ކުރިން ގެޒެޓްކުރި އުސޫލާއި ޚިލާފަށް އައު އުސޫލުގައި ފައިސާ ދޫކުރުމުގައިވެސް ވަނީ ލުއިތަކެއް ދީފައެވެ. ކުރީގެ އުސޫލުގައި ތިން ފަހަރެއްގެ މަތިން ފައިސާ ދޫކުރާ ގޮތަށް އޮތް ނަމަވެސް، އާ އުސޫލުގެ ދަށުން އެހީ ލިބޭ މީޑިއާތަކަށް ކަނޑައަޅާ ފައިސާ ދޫކުރާނީ އެއްކޮށެވެ. މީގެ އިތުރުން، އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައިގެން މާކްސް ދިނުމަށްވެސް އައު އުސޫލުގައި ވަނީ ހިމަނާފައެވެ.

ބަޖެޓު: 27 މިލިޔަން ރުފިޔާ

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 27 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި އެހީގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، މީޑިއާތަކުގެ ހިންގުން ހަރުދަނާވެގެންދާނެއެވެ.

މާލީ އެހީގެ ގޮތުގައި ފައިސާ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުންނެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއުކުރި ތާރީހުން ފެށިގެންނެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު، ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.

ކިލޯއަކަށްވުރެ މަތީގެ މަހަށް ދޭ އަގު މަތިކޮށް، މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފި
ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރިން މެސީ އާއި ސުއަރޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ!
މާލޭގެ މަގުތަކުން ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު ޖަނަވަރީ މަހު ފަށަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?