ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ވިދާޅުވީ، ސުނާމީ ކާރިސާ އަދި އެނޫންވެސް ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް ދިވެހީންގެ ސަލާމަތަށް ވެގެން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ދެއްކި ރިވެތި ޚުލްޤާއި ސުލޫކު ކަމަށެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި އެންމެ ފުނަށް ފޭދިފައިވާ އިސްލާމީ ޢަޤީދާއިން މަގުދައްކައިދެނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވަންތަވާން ޖެހޭކަން ކަމަށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދީ އިޙްސާންތެރިކަމާއި އަޅާލުން އިސްކޮށްގެން ޤައުމު ބިނާކުރުމުގައި އަތުގުޅާލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި އެނޫން އުނދަގޫ ދަތި ޙާލަތްތަކުގައިވެސް ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެގެން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފެހެއްޓި ރިވެތި ޚުލްޤާއި ސުލޫކެވެ.
އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން. އެކަކު އަނެކަކަށް ހެޔޮ ފޯރުވާން. އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލާން.
ސުނާމީ ކާރިސާ ކުރިމަތިވީ… pic.twitter.com/cuikKo3tsb
— Dr Mohamed Muizzu (@MMuizzu) December 26, 2025
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، ދިވެހީންގެ ބަދަހިކަން އިތުރުކުރައްވާ، ސަލާމަތާއި ރައްކާތެރިކަމުގައި ރާއްޖެ އަބަދުމެ ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހިތްދަތި ވަގުތުތަކުގައިވެސް ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ ހަނދާންތައް އައުކުރުމަށެވެ.


