އާ އަހަރާ ދިމާކޮށް ބޭންކުތައް 4 ދުވަހަށް ބަންދުވިޔަސް، ބޭންކިންގ ޚިދުމަތްތައް ހުއްޓުމެއްނެތި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފިއެވެ. މި ބަންދަކީ ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުތަކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ކުރާ ކަމެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގެ ބޭންކުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު 31 ވާ ބުދަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ 3 ވާ ހޮނިހިރާ ދުވަހާ ހަމައަށެވެ. އެމްއެމްއޭ އާއި ބޭންކުތައް އަލުން ހުޅުވޭނީ ޖަނަވަރީ 4 ވާ އާދިއްތަ ދުވަހުއެވެ.
ބީއެމްއެލް އިން ވިދާޅުވީ، މި ދުވަސްތަކުގައިވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ، އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އާއި، ވެބްޗެޓް، އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށްވެސް ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ.
މީގެ އިތުރުން، ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުތަކުން ވަނީ ބުނެފައެވެ.


