އެމެރިކާގެ އިލިނޮއިސްއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ އެރިކް ކްލެބޯލް، ދަތްކޮށްޓާ އިލޮށި ބޭނުންކޮށްގެން އައިފަލް ޓަވަރުގެ މޮޑެލްއެއް ހަދައި، ގިނަސް ވޯލްޑް ރެކޯޑެއް ހޯދައިފިއެވެ. މި މޮޑެލްގެ އުސްމިނުގައި 17.32 ފޫޓު ހުރެއެވެ.
ނެޕަވިލްގައި ދިރިއުޅޭ އެރިކް، ގާތްގަނޑަކަށް 20،000 ދަތްކޮށްޓާ އިލޮށި ބޭނުންކޮށްގެން މި އައިފަލް ޓަވަރު މޮޑެލް ބިނާކުރީ އޭނާގެ ދެވަނަ ގިނަސް ވޯލްޑް ރެކޯޑް ހޯދުމަށެވެ. އެރިކް ބުނި ގޮތުގައި، އޭނާގެ ބައްޕަ ސިވިލް އިންޖިނިއަރެއްގެ ގޮތުގައި ކުރާ މަސައްކަތުން، ކުޑައިރުއްސުރެ އިމާރާތް ކުރުމަށް ޝައުގުވެރިކަން އުފެދިފައިވާކަމަށް އޭނާ ފާހަގަކުރިއެވެ.
އެރިކް ބުނި ގޮތުގައި އޭނާއަކީ ކުޑައިރުއްސުރެ ތަފާތު އެއްޗެހި، ޚާއްސަކޮށް އައިސްކްރީމް ދަނޑި ނުވަތަ ޗޮޕްސްޓިކް ފަދަ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އޭނާ ހާމަކުރި ގޮތުގައި 2021 ވަނަ އަހަރު، 12 އަހަރުގައި، އޭނާ ވަނީ ދަނޑިކޮޅުތަކުން 20.2 ފޫޓު އުސް ޓަވަރެއް ހަދައިގެން ފުރަތަމަ ގިނަސް ވޯލްޑް ރެކޯޑް ހޯދާފައެވެ. ނަމަވެސް އެ ރެކޯޑް ފަހުން މުގުރާލެވުނެވެ. މިގޮތުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަނީ ދަތްކޮށްޓާ އިލޮށި ބޭނުންކޮށްގެން 17.32 ފޫޓު އުސް މި އައިފަލް ޓަވަރުގެ މޮޑެލް ހަދައި، އޭނާގެ ދެވަނަ ގިނަސް ވޯލްޑް ރެކޯޑް ޤާއިމްކޮށްފައެވެ.


