ދިވެހި ސަރުކާރުން ވިދާޅުވެފައިވަނީ ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، ރާއްޖެއިން އަބަދުވެސް ”ވަން ޗައިނާ ޕޮލިސީ“ ދަމަހައްޓާނެކަމަށެވެ. މިކަން ހާމަކޮށްފައިވަނީ ދާދި ފަހުން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއިން މިހާރުވެސް ޤާއިމްވެ އޮތީ، ޒަމާނުއްސުރެ ދިވެހި ސަރުކާރުން ގެންގުޅެމުން އައިސްފައިވާ ”ވަން ޗައިނާ ޕޮލިސީ“ގައެވެ. އަދި ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން ގެންގުޅޭ މި ސިޔާސަތަކީ 1972 ވަނަ އަހަރު ޗައިނާއާއި ގުޅުން ޤާއިމް ކުރުމާއި ހިސާބުން ފެށިގެންވެސް ބަދަލެއްނުވެ ދަމަހައްޓަމުން އަންނަ ސިޔާސަތެކެވެ. މިއީ ދެ ފަރާތުން އެއްބައެއް އަނެއްބައެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރުމުގެ އުސޫލު ދައްކުވައިދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ މުހިންމުކަމާއި، ޤައުމުތައް ސުލްޙަވެރިކަމާއެކު އެއްތަނެއްގައި އުޅުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބައެއް ޤައުމުތަކުން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރާކަން ރާއްޖެއިން ވަނީ ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިވެހިރާޢްޖެއާއި ޗައިނާއަކީ ޒަމާންވީ ބަދަހި ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކޮށް، ޚާރިޖީ ވުޒާރާއިން ވަނީ މިއީ ދެ ޤައުމަށްވެސް ފައިދާ ކުރަނިވި ގުޅުމެއް ކަމަށާއި، ދެމެހެއްޓެނި ތަރައްޤީއާއި ސުލްޙަމަސަލްކަމަށް މަގުފަހި ކުރާ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.


