އައު އަހަރުގެ ފެށުމާއެކު، ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާ، ޒޯހްރާން މަމްދާނީ ރަސްމީކޮށް މަގާމުގެ ހުވާކުރައްވައިފިއެވެ.
ޖެނުއަރީ އެއްވަނަ ދުވަހު ބޭއްވި މި ޚާއްސަ ރަސްމިއްޔާތު އޮތީ ސިޓީ ހޯލްގެ ތިރީގައިވާ ތާރީޚީ، ނަމަވެސް މިހާރު ބޭނުންނުކުރާ ސަބްވޭ ސްޓޭޝަނުގައެވެ. މިއީ ބާރުތައް ބަދަލުވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެ ސިޓީގައި ޒަމާނުއްސުރެ އޮންނަ އާދަކާދައެއްގެ ދަށުން ބޭއްވި ރަސްމިއްޔާތެކެވެ.
އުމުރުން 34 އަހަރުގެ މަމްދާނީއަކީ އެ ސިޓީގެ ތާރީޚުގައިވެސް ހޮވުނު އެންމެ ޒުވާން މޭޔަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ މަގާމުގެ ހުވާކުރެއްވީ ކީރިތި ގުރުއާނުގެ މުސްހަފްތަކެއްގައި އަތްޕުޅު ބާއްވައިގެން ހުންނަވައެވެ. ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މަމްދާނީ ވަނީ ނިއުޔޯކްގެ ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި، މިއީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ރަސްމިއްޔާތު ބާއްވާ ތަނެއްގެ ގޮތުގައި ބިމުގެ އަޑީގައިވާ ސަބްވޭ ސްޓޭޝަނެއް އިޚްތިޔާރު ކުރެއްވީ، އާންމު މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތު ރަމްޒުކޮށްދިނުމަށެވެ. މަމްދާނީ ވިދާޅުވި ގޮތުގައި، އާންމު ދަތުރުފަތުރުގެ ނިޒާމަކީ ނިއުޔޯކްގެ ދިރުމާއި، ދުޅަހެޔޮކަމާއި، މުސްތަގުބަލާ ގުޅިފައިވާ އެ ސިޓީގެ ވަރަށް މުހިންމު ބަހާއެކެވެ.
މަމްދާނީއަށް ހުވާލައިދެއްވީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސްއެވެ. މި ރަސްމިއްޔާތުގައި މަމްދާނީގެ އަނބިކަނބަލުން ރާމާ ދުވާޖީގެ އިތުރުން، އޭނާގެ މައިންބަފައިން ކަމަށްވާ މަޝްހޫރު ފިލްމް ޑައިރެކްޓަރު މީރާ ނައިރް އަދި އެކަޑެމިކް މަހްމޫދު މަމްދާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މޭޔަރު މަމްދާނީ ހުވާކުރެއްވުމުގެ ބޮޑު ރަސްމިއްޔާތު މިއަދުގެ ފަހުގެ ވަގުތެއްގައި ސިޓީ ހޯލުން ބޭރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ބަލާލުމަށް ބްރޯޑްވޭ ސަރަހައްދުގައިވެސް ޚާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.


