ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމާލައިފިއެވެ.
ދިއްދޫގައި އެއާޕޯޓެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ޑްރެޖަރު މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަަމަށެވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ. މީގެ ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ނެދަލޭންޑުގެ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ޕްރިންސް ޑާ ނެޑަލަންޑަންއާއި، ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ ވަނީ ރާއްޖެ ގެނެސްފައެވެ.
ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 102.73 ހެކްޓަރ ހިއްކާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހު ދިއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބަޔާންކުރެއްވި ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ޚާއްޞަ ކަމަކަށް ކުރާ އެއާޕޯޓުގެ މަސައްކަތަކީ، ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އެއީ ދިއްދޫއާއި މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއް ކަމަށެވެ.


