މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 15 އިންސައްތަ އިތުރުވެއްޖެއެވެ.
އެމްއެމްއޭއިން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ނޮވެމްބަރު މަހު ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް ބޭންކުތަކުން ވަނީ ޖުމްލަ 8.7 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ އެ އަހަރުގެ ޖަނަވަރީ މަހު މި ދާއިރާއަށް ދޫކޮށްފައިވާ 7.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރާ ފައިސާގެ އަދަދު އަހަރުން އަހަރަށް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ދާއިރާއިން ނެގި ފައިސާގެ އަދަދު ވަނީ 141 އިންސައްތަ އިތުރުވެފައެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ޕަރސަނަލް ލޯނު، ފަތުރުވެރިކަން، ވިޔަފާރި، ބިނާކުރުން އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިންނެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާޢަތަށް ފަހު ބޭންކުތަކުން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކްރެޑިޓް ކާޑާއި ލުއި ލޯނުތަކަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލޯނު އިތުރުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވޯކިންގ ކެޕިޓަލްގެ ބޭނުންތަކާއި، އައު ރިސޯޓްތައް ތަރައްޤީކުރުމާއި، އަދި ގެސްޓްހައުސްތައް ފުޅާކުރުމަށް ދޫކުރާ ލޯނުތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ދާއިރާ ހަރުދަނާކޮށް، އަމިއްލަ ވިޔަފާރިތަކާއި އާންމު ފަރުދުންނަށް މާލީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މިފަދަ ކުރިއެރުންތަކަކީ ޤައުމުގެ އިޤްތިޞާދަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.


