ޖަރުމަނުގެ ހިތްވަރުގަދަ އިންޖީނޭރަކު، އޭނާގެ ފުރޮޅުލީ ގޮނޑި ދޫކޮށްލުމަށްފަހު، ޖައްވުގެ ތެރޭގައި އުދުހިލުމުގެ ހުވަފެން ހަގީގަތަކަށް ހަދައިފިއެވެ. މިއީ ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހަކު ޖައްވަށް ކުރި ފުރަތަމަ ތާރީޚީ ދަތުރެވެ.
މީގެ ހަތް އަހަރު ކުރިން މައުންޓަން ބައިކް އެކްސިޑެންޓެއްގައި ބުރަކަށީގެ މައިބަދައަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން ހިނގުމުން މަހްރޫމްވެފައިވާ މިކައިލާ ބެންތައުސް ޖައްވަށް އުދުއްސާލީ އެމެރިކާގެ ޓެކްސަަސްއިންނެވެ. އޭނާ މި ދަތުރު ކުރީ މަހުޖަނު ޖެފް ބޭޒޯސްގެ ”ބްލޫ އޮރިޖިންގެ ”ނިއު ޝެޕަޑް“ ކެޕްސޫލްގައެވެ.
މި ތާރީޚީ ދަތުރުގައި ބެންތައުސްއާއެކު އިތުރު ފަސް ފަސިންޖަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ސްޕޭސް އެކްސްގެ ކުރީގެ އެގްޒެކެޓިވްއެއް ކަމަށްވާ ހަންސް ކޮއެނިގްސްމަން ހިމެނެއެވެ. ޖަރުމަނަށް އުފަން ކޮއެނިގްސްމަން އަކީ މި ދަތުރު އިންތިޒާމުކުރުމުގައި އެހީތެރިވެ، ބްލޫ އޮރިޖިންއާ ގުޅިގެން މި ދަތުރަށް ޚަރަދުކުރި ފަރާތްވެސް މެއެވެ. ނަމަވެސް މި ދަތުރުގެ ޓިކެޓްގެ އަގު ހާމަކޮށްފައެއް ނުވެއެވެ.
ޖައްވުގެ ތެރޭގައި 105 ކިލޯމީޓަރަށްވުރެ މައްޗަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް ބެންތައުސް ބުނީ، މިއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ފުރިހަމަ ތަޖުރިބާ ކަމަށެވެ. އަދި މުޅި ދަތުރުގެ ތެރޭގައި އުފަލުން ހެވުނު ކަމަށާއި، ބިމާ ދުރަށް ޖައްވުގެ ތެރޭގައި އުދުހިލުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ބްލޫ އޮރިޖިންގެ އިންޖީނޭރު ޖޭކް މިލްސް ފާހަގަކުރި ގޮތުގައި، މި ދަތުރަށްޓަކައި ކެޕްސޫލަށް ގެންނަން ޖެހުނީ ވަރަށް ކުޑަ ބަދަލެކެވެ. އެއީ ނިއު ޝެޕަޑް ކެޕްސޫލަކީ ކުރިންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދަކަށް ވާތީއެވެ. ބެންތައުސް ކެޕްސޫލަށް އަރާ ފޭބުމަށް ފަސޭހަ ކުރުމުގެ ގޮތުން ޚާއްޞަ ބޯޑެއް ބޭނުންކުރިއެވެ.
މީގެ ކުރިންވެސް ބްލޫ އޮރިޖިންއިން ވަނީ ހިނގާބިނގާވެ އުޅުމުގައި އުނދަގޫ ހުންނަ ފަރާތްތަކާއި، ފެނުމާއި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަދި 90 އަހަރުގެ ދެ މީހަކުވެސް ޖައްވަށް ގެންގޮސްފައެވެ. މި ދަތުރު ނިންމާލުމަށްފަހު ކެޕްސޫލް ބިމަށް ޖެއްސުމާއެކު، ބެންތައުސް ބޭރަށް ނުކުތުމަށްޓަކައި ސަހަރާގެ ވެލިގަނޑު މަތީގައި ވަނީ ރަތް ދޫލައެއް އަޅާފައެވެ.


