އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑިޖިޓަލްކޮށް ޒަކާތް ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ. މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފަށާނެއެވެ.
ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ ޒަކާތު ހައުސްއަށް ބަދަލު ކުރުމުގައިވެސް އެ ކުންފުނިން އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އެއްވެސް އުނިކަމެއް ނެތި އޭގެ ބެހެނިވެރިންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރު ކުރުމެވެ.
މިއީ ޒަކާތުގެ ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލައިޒް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އިތުބާރު ހުރި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ ބޮޑު އަމާޒެކެވެ.
ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ޝަރުޢީ ހަމަތަކާ އެއްގޮތަށް ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ޒަކާތުގެ ޚިދުމަތްތަކަކީ އެންމެންނަށް ބައިވެރިވެވޭ، ބޭނުންކުރަން ފަސޭހަ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި އައު އީޖާދީ ހައްލުތައް ހޯދުމުގެ މަސައްކަތް އެ އިދާރާއިން މެދުނުކެނޑި ކުރަމުންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.


