ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް (އިން-ވީޓްރޯ ފާޓިލައިޒޭޝަން) ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ރޭ އިއުލާންކޮށްފިއެވެ.
މި ތާރީޚީ ކާމިޔާބީ އިއުލާންކޮށް އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމަށާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުންމީދެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލްކުރެވުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. މި ފަރުވާގެ އެހީގައި އުފަންވި ދަރިފުޅާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ކާމިޔާބީ ފާހަގަކުރަމުން އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ، މި މަސައްކަތުގައި ބައިވެރިވި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، އެމްބްރޮލޮޖިސްޓުންނާއި، ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ނަރުހުންނާއި ސެންޓަރުގެ ހުރިހާ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
ދިވެހިރާއްޖޭގައި އައިވީއެފްގެ ފަރުވާ އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ވައުދާ އެއްގޮތަށް މިހާރު ވަނީ އާސަންދަ މެދުވެރިކޮށް މި ފަރުވާ ލިބޭނެ މަގު ދިވެހި އާއިލާތަކަށް ފަހިކޮށްދެއްވާފައެވެ.
މި ކާމިޔާބީއާއެކު، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ދަރިމައިވުމުގެ ފަރުވާ ހޯދުމަށް މަގުފަހިވެ، ގިނަ އާއިލާތަކަކަށް މިކަމުގެ މަންފާ ކުރާނެ ކަމަށް ބެލެވެއެވެ.


