ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ އައު ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، މި ސަރަހައްދަކީ ފަސިންޖަރުންނަށް ޖާގަ ތަނަވަސް އަދި ހިތްފަސޭހަ މާހައުލެއްގައި ޚިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން މުޅި ސަރަހައްދު އޭސީކޮށް، ފަސިންޖަރުންނަށް ހަމަޖެހިލައިގެން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ގާއިމުކޮށްފައިވަނީ އެރައިވަލް ގޭޓާ ސީދާ ޖެހިގެން އޮންނަ ސަރަހައްދުގައެވެ.
އެމްއޭސީއެލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދު ޒީނަތްތެރިކޮށްފައިވަނީ ގަސްތައް ބަހައްޓައިގެން، ދަތުރުވެރިންނަށް ހިތްފަސޭހަވާނެ ފަދަ ގޮތަކަށެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ފުރަތަމަ ފެންނަ މަންޒަރު ރީތިކުރުމަށާއި، ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.
އައު ޓާމިނަލްގެ ޚިދުމަތްތައް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ގައެވެ. އަދި މިދިޔަ ޑިސެމްބަރު މަހަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑުވި މަހަކަށް ވިއިރު، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިންތަކެއްގެ ޚިދުމަތްތައް މިހާރު ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.
ސީޕްލޭން ޗެކިން އޭރިއާ މިއަދު ހުޅުވައިލިއިރު، އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި ފަހުން ޗެކިންވުމަށް ހޭދަވާ ވަގުތު ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށް ބުނެ ބައެއް ދަތުރުވެރިން ދާދި ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އައު ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފެށުމާއެކު، ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަކަން އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލުން އުންމީދު ކުރެއެވެ.


