ނިމިދިޔަ 2024 ވަނަ އަހަރު ސަރުކާރުން 205 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި ތަމްރީނާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރު ސްކޮލަރޝިޕް ފުރުޞަތުތަކަށް ސަރުކާރުން ވަނީ 222 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މުޅިން އަލަށް މިދިޔަ އަހަރު ސްކޮލަރޝިޕް ލިބުނު 205 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 120 އަންހެން ދަރިވަރުންނާއި 85 ފިރިހެން ދަރިވަރުންނެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމުލަ 471 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސްކޮލަރޝިޕްތަކަށް ޚަރަދުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމުލަ 411 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާއިރު، އޭގެ ތެރޭގައި 262 އަންހެން ދަރިވަރުންނާއި 149 ފިރިހެން ދަރިވަރުން ހިމެނެއެވެ.
ދަސްވެނިވުމުގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް 180 ދަރިވަރުން ވަނީ ސްކޮލަރޝިޕް ފުރުޞަތުތައް ފުރިހަމަކޮށް ދަސްވެނިވެފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމުލަ 441 ދަރިވަރުން ވަނީ ކިޔެވުން ނިންމާފައެވެ.
މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ޤައުމެއްގައި ސަރުކާރުގެ ސްކޮލަރޝިޕްތަކުގައި ޖުމުލަ 602 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ.
މި ސްކޮލަރޝިޕްތަކަކީ ކިޔެވުމުގެ ހުރިހާ ޚަރަދެއް ހިމެނޭހެން ދެވޭ ފުރުޞަތުތަކެކެވެ. މީގެ ތެރޭގައި ސަރުކާރުން ސީދާ ދޭ ފުރުޞަތުތަކުގެ އިތުރުން، އެކި ޤައުމުތަކާއެކު އޮންނަ ގުޅުމުގެ ދަށުން ލިބޭ ފުރުޞަތުތައްވެސް ހިމެނެއެވެ.
ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކަ އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުގެ ދަށުން، މިދިޔަ އަހަރު ވަނީ ”ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް“ ތަޢާރަފުކޮށްފައެވެ. ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދިން މި ސްކޮލަރޝިޕް ފުރުޞަތު މިހާތަނަށް 40 ފަރާތަކަށް ވަނީ ފަހިކޮށްދީފައެވެ.


