”ބެލެނިވެރިންގެ ސައްލާ“ގެ ނަމުގައި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ އައު ސެޝަނެއް މި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު ހަބްގައި ކުރިއަށްދާ މި ސެޝަންގެ މައިގަނޑު މައުޟޫއަކީ ”ޑިޖިޓަލް ޒަމާނެއްގައި ބެލެނިވެރިކަން“ މިއެވެ. މި ސެޝަންގައި، ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި މަޝްވަރާކުރުން ކުރިއަށްދާނެއެވެ.
”ބެލެނިވެރިންގެ ސައްލާ“ އަކީ ބެލެނިވެރިންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި، ދަރިން ބަލާބޮޑުކުރުމުގައި މުހިންމު ތަފާތު މައުޟޫއުތަކަށް އަމާޒުކޮށްގެން، އެކަންކަމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަގްސަދުގައި ބާއްވަމުން އަންނަ ސެޝަންތަކެކެވެ.
މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. ސެޝަންގައި ބައިވެރިވާން އެދޭ ބެލެނިވެރިން، އެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖުކުރުމުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.


