ތައިލޭންޑުގެ ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލްއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ބެންކޮކްގެ އިރުއުތުރުން ގާތްގަނޑަކަށް 230 ކިލޯމީޓަރު (143 މޭލު) ދުރުގައި އޮންނަ މި ސަރަޙައްދުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި އެކްސިޑެންޓް ހިނގި ރޭލަކީ ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރައިގެން އުބޮން ރައްޗަތާނީ ޕްރޮވިންސަށް ދަތުރުކުރި ރޭލެކެވެ. މި ހިތާމަވެރި ހާދިސާގައި މިހާތަނަށް 28 މީހުން މަރުވެ، 64 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ. އަދި ތައިލެންޑް ސަރުކާރަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާދިސާ ހިނގި ސަރަޙައްދުގައި މީހުން ހޯދުމާއި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.


