ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގއ. ކޫއްޑޫ އާއި ގދ. ކާޑެއްދޫއަށް މޯލްޑިވިއަންގެ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން ކޫއްޑޫ އާއި ކާޑެއްދޫގައި ވަކިވަކިން ޚާއްޞަ ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުތަކުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި، އެ ރަށްރަށުގެ ކައުންސިލްތަކާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މީގެ ކުރިން މިދިޔަ ހުކުރު ދުވަހު ވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކުރާ ދަތުރުތައްވެސް އިފްތިތާޙުކޮށްފައެވެ.
ކޫއްޑޫގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މިއީ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ދަތުރުތަކަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ފެށީ މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހައި ސެޓަޕްއަކާއި، ބޯޓުތަކާއި އިންސާނީ ވަސީލަތްތައް އައްޑޫގައި ޤާއިމްކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
”މޯލްޑިވިއަނުން މި ޚިދުމަތް މިހާރު މި ފަށަނީ، ވަރަށް އަގުހެޔޮކޮށް އާންމުންނަށް ވަރަށް ފަސޭހަވާނެ ފަދަ ގޮތަކަށް. އަދި ވިޔަފާރިވެރިންނަށްވެސް ވަރަށް ފަސޭހަވާނެ ފަދަ ގޮތަކަށް އަޅުގަނޑުމެން މިކަން މިފެށީ. ސަރުކާރުގެ ފަރާތުން މި ވަޢުދު އިރާދަކުރެއްވިއްޔާ މި ފުއްދުނީ،“ ޢަލީ ސަލީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޑިމާންޑަށް ބަލައި މި ޚިދުމަތް މެދުކެނޑުމެއްނެތި ދެމުންދާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
މި ދަތުރުތަކަށް ބޭނުންކުރަނީ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކެވެ. ދަތުރުތައް ބަހާލެވިފައިވަނީ ޖުމްލަ 5 ސެކްޓަރެއްގެ މައްޗަށެވެ. އެއީ އައްޑޫ ގަމުން ކާޑެއްދޫ، ކޫއްޑޫ އަދި ފުވައްމުލަކަށް ކުރާ ދަތުރުތަކާއި، ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ކުރާ ދަތުރުތަކެވެ.
ދަތުރުތަކުގެ އަގުތައް:
- ގަން – ފުވައްމުލައް: 500ރ.
- ފުވައްމުލައް – ކޫއްޑޫ: 650ރ.
- ފުވައްމުލައް – ކާޑެއްދޫ: 650ރ.
- ގަން – ކާޑެއްދޫ: 900ރ.
- ގަން – ކޫއްޑޫ: 900ރ.
މި ދަތުރުތަކުގެ ސަބަބުން ޞިއްޙީ ބޭނުންތަކަށާއި ޒަރޫރީ އެހެނިހެން ކަންކަމުގައި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ކުރަމުން އައި ދިގު ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ސަރަޙައްދީ ދަތުރުފަތުރު ހަރުދަނާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މޯލްޑިވިއަނުން ލަފާކުރާ ގޮތުގައި މި ދަތުރުތަކާއެކު އައްޑޫ ގަން ވެގެންދާނީ މި ސަރަޙައްދުގެ ވައިގެ އުދުހުންތަކުގެ މައި ހަބަކަށެވެ.


