އާދަޔާ ހިލާފު ބިޔަ ބިނާތަކާއި އުސް އިމާރާތްތަކަށް ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޔޫނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި، އިންސާނުންގެ އެހީތެރިކަމާ ނުލައި މުޅިން ރޮބޮޓް ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ދިރިއުޅޭ ވިލާ ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދުބާއީ މުނިސިޕަލިޓީން ދާދިފަހުން ވަނީ އެއްވެސް އިންސާނެއްގެ މަސައްކަތަކާ ނުލައި، މުޅިން ރޮބޮޓުން ބޭނުންކޮށްގެން ބިނާކުރާ ދުނިޔޭގެ ފުރަތަމަ ރެސިޑެންޝަލް ވިލާ އިޢުލާނުކޮށްފައެވެ. މިއީ މުސްތަގުބަލުގެ ގެދޮރުވެރިކަމަށް އަމާޒުކޮށްގެން އެ ސިޓީން ކުރިއަށްގެންދާ އިންގިލާބީ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ގޮތުން ދުބާއީ މުނިސިޕަލިޓީން ވަނީ ހާއްސަ ”ވޯކަރ ރޮބޮޓެއް“ އިފްތިތާޙްކޮށްފައެވެ. މިއީ އިމާރާތްކުރުމުގެ ދާއިރާގައި ފެށުނު އާ ޒަމާނެއްގެ ފެށުން ކަމަށް އެ އިދާރާއިން ސިފަކުރެއެވެ. ދުބާއީ މުނިސިޕަލިޓީން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ސިޓީގެ ގެދޮރު ބިނާކުރާނީ ރޮބޮޓުންނެވެ. އަދި މިހާރު ފަށާފައިވާ ދުނިޔޭގެ ފުރަތަމަ ރޮބޮޓިކް ވިލާގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި ތާރީޚީ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދުބާއީ މުނިސިޕަލިޓީން ވަނީ 25 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާއެކު ބައިވެރިވެފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ކޮންމެ ދުވަހަކު ކުރާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތަކުގައި، އިންސާނުންގެ ބަދަލުގައި ރޮބޮޓުންނަކީ ހަގީގަތުގައި ބޭނުންކުރެވިދާނެ ބައެއްތޯ ޓެސްޓްކުރުމާއި، މި ދާއިރާއިން ކުރިއެރުން ހޯދުމެވެ.
ދުބާއީން މިފަހަރު މި ކުރާ މަސައްކަތަކީ ހަމައެކަނި އުސް އިމާރާތެއް ބިނާކުރުމުގެ ބަދަލުގައި، މުޅި ދުނިޔެއަށް މުސްތަގުބަލުގެ ގެދޮރުވެރިކަން ހުންނާނެ ގޮތުގެ ނަމޫނާއެއް ދެއްކުން ކަމަށް މީހުން ގަބޫލުކުރެއެވެ.


