ދިވެހިރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން މިއަދު އިންތިޚާބުވެވަޑައިގެންފިއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިޚާބަކީ އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށް ބޭއްވުނު އިންތިޚާބެކެވެ. މި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ”ފަހިވިހި“ ނަމުގައި އެ ޕާޓީން ތައްޔާރުކުރި ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް އޮންލައިންކޮށެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ %99 ވޯޓާއެކު ޝައިޚް ޝިފާން ވަނީ ރައީސްކަން ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި އަލްއުސްތާޛް އިކްރާމް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ %1 ވޯޓެވެ. ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ޝައިޚް ޢަބްދުﷲ ރަޝީދުއެވެ.
މި އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން، ޕާޓީގެ ތިންވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާން ޢަބްދުﷲ ވަނީ އައު ލީޑަޝިޕަށް މަރުޙަބާ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ޕާޓީގެ ދުސްތޫރާ އެއްގޮތަށް ކޮންގްރެސް ބާއްވައި، ދައުރު ބަދަލުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން އަދާލަތު ޕާޓީގައި މިވަގުތު 8,267 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ. މި އައު އިންތިޚާބާއެކު ޕާޓީގެ ހިންގުން އައު ހަރުފަތަކަށް ގެންދިއުމަށް ވަނީ އަމާޒު ހިފާފައެވެ.


