ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފާޚާނާ ހޮޅިތައް، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މަރާމާތުކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެ ޓަވަރުގެ 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ވައިގޯޅި ތެރޭގައި ހުރި އޭސީ ޔުނިޓުތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. މި މައްސަލަތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، ވައިގޯޅީގައި ހުރި އޭސީ ޔުނިޓުތައް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހޮޅިތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، މަރާމާތުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
މައި ހޮޅި މަރާމާތުކުރާ ވަގުތުތަކުގައި ފާޚާނާ ބޭނުން ނުކުރެވުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ މި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާލުމަށްޓަކައި އެޕާޓްމަންޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ހިޔާ 5 ވަނަ ޓަވަރުގައި އަލިފާން ރޯވީ މިދިޔަ ހުކުރު ދުވަހުގެ ރޭ 7 ޖަހާކަށްހާއިރެވެ. އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަގުތުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން 30 އެޕާޓްމަންޓެއްގައި ދިރިއުޅޭ 140 މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މީގެ ތެރޭގައި 49 ފިރިހެނުންނާއި، 48 އަންހެނުންގެ އިތުރުން 43 ކުޑަކުދިން ހިމެނެއެވެ.


