އައިވީއެފް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ”ފަރޓިލިޓީ ކެއަރ ފަންޑު“ ގެ ދަށުން ހުޅުވާލި ފުރަތަމަ ފުރުޞަތުގައި، ޝަރުތު ހަމަވި 37 ދެމަފިރިއަކަށް އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
މި ފަންޑުގެ އެހީއަށް އެދުމުގެ ފުރުޞަތު އެންސްޕާއިން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ފަހަރު 50 މީހުންނަށް އެހީތެރިކަން ދިނުމަށް ނިންމާފައިވީ ނަމަވެސް، އެއް މަސްދުވަހުގެ ތެރޭގައި އެހީއަށް އެދި ހުށަހެޅި 135 ދެމަފިރިންގެ ތެރެއިން ހުރިހާ މިންގަނޑުތަކަށް ފެތި، ޝަރުތު ހަމަވެފައިވަނީ 37 ދެމަފިރިންނެވެ.
އެންސްޕާއިން މިހާރު ވަނީ ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓު ސަބަބުތަކާއެކު އާންމުކޮށްފައެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި، އެހީ ހަމަޖެހުނު ފަރާތްތަކުން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ’ޓްރީޓްމެންޓް ޕްލޭން‘ ހިއްސާކުރުމާ ގުޅޭ މަޢުލޫމާތުތައް މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ފަރާތްތަކަށް އަންގާނެއެވެ.
ފަރޓިލިޓީ ކެއަރ ފަންޑުގެ އިތުރުން، މީގެ ކުރިން އާސަންދައިގެ ދަށުންވެސް ދެ ބުރެއްގެ މަތިން އައިވީއެފް ހެދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 37 ދެމަފިރިން އަދި ދެވަނަ ބުރުގައި 63 ދެމަފިރިއަކަށް އެހީ ދީފައިވެއެވެ.
އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެހީ ދިނުމުގައި ބަލާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:
- ކައިވެންޏަށް މަދުވެގެން 3 އަހަރުވެފައިވުން.
- ދަރިމައިވުމަށް ހުރަސްއެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވުން.
- އެހެން ފަރުވާތަކުން ނަތީޖާއެއް ނުފެނި، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް ސްޕެޝަލިސްޓުން ލަފާދީފައިވުން.
- ފަރުވާއަށް އެކަށީގެންވާ ދުޅަހެޔޮ ޞިއްޙީ ޙާލަތެއްގައި ތިބުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަރިމައިވުމުގެ މައްސަލަތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، 15 ނޮވެންބަރު 2024 ގައި ވަނީ ނެޝަނަލް ފަރޓިލިޓީ ސެންޓަރެއް ޤާއިމުކޮށްފައެވެ. މި ސެންޓަރުގެ އެހީގައި މިހާތަނަށް ދެ ކުދިން އުފަންވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ރާއްޖޭގައާއި ރާއްޖެއިން ބޭރުން މި ފަރުވާ ހޯދަމުންނެވެ.


