ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅޭ މައްސަލަތައް ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭނެ ގޮތަށް ޕޯޓަލް އެއް ހަދައިފި އެވެ.
އެޗްޑީސީގެ ވިސްލްބްލޯ ޕޯޓަލްގެ ދަށުން އާންމު ރައްޔިތުންނާއި އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މީހާގެ ވަނަވަރު ނޭނގޭނެގޮތަށް މައްސަލަތައް ރިޕޯޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
އެޗްޑީސީން ބުނީ މި ޕޯޓަލަކީ ރައްކާތެރި ގޮތެއްގައި މީހާގެ ސިއްރު ހިފެހެއްޓޭނެ ގޮތަށް މައުލޫމާތު ދެވޭނެ ޕޯޓަލެއް ކަމަށެވެ.
އެގޮތުން އެ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ހިންގާނަމަ އެކަމެއް ރިޕޯޓުކުރުމުގެ ފުރުސަތު އެ ޕޯޓަލްގެ އެހީގައި ވަނީ ހުޅުވާލާފައެވެ.
މިއީ ކޮންމެ މީހަކު މަކަރާއި ހީލަތުން ކަންކަން ކުރިޔަސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ހަދާފައިވާ ޕޯޓަލެއް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި މުއައްސަސާތަކަކީ، ކޮރަޕްޝަނާ ދުރުން، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ހެދުމަށް ސަރުކާރުުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.