ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް މޭވާއާއި ތަރުކާރީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ވިދާޅުވީ، މި ވަގުތީ މާރުކޭޓު ބިނާކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 8 ވަނަ ފްލެޓާއި އެ ސަރަޙައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދެވަނަ ފިޔަވަހީގެ އާބާދީއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ފަސޭހަކަމާއެކު ގަނެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހެދުމަށް ވަނީ ނިންމާފައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި މިހާރު ކުރިއަށްދަނީ މާރުކޭޓުގެ ވަގުތީ އިމާރާތް އެޅުމުގެ މަސައްކަތްތަކެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމަލީ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.
މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ ގޮޅިތައް ދޫކުރާނީ ކަނޑައެޅިފައިވާ ޢާއްމު އުސޫލުގެ ދަށުން ކަމަށާއި، އިމާރާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މިހާރު މާލެ ސަރަޙައްދުގައި އެންމެ ހަލުވިކަމާއެކު އާބާދުވަމުންދާ ސަރަޙައްދެވެ. މިހާރު ދޫކުރަމުންދާ ފްލެޓުތަކާއެކު އެ ސަރަޙައްދުގެ އާބާދީ އެއްލައްކައާ ގާތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އެ ސަރަޙައްދުގައި އަދި ދާއިމީ މާރުކޭޓެއް ގާއިމުކުރެވިފައެއް ނުވެއެވެ. ނަމަވެސް، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ސަރުކާރާއި އެޗްޑީސީ ގުޅިގެން ދަނީ ފަހިކޮށްދެމުންނެވެ.


