ފުލުހުން އިއްޔެ ވަނީ ވ. އަތޮޅު ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފަ އެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުއްޖާގެ މަރާ ގުޅޭ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އިއްޔެ ހެނދުނު 10:00 ޖެހި ފަހުން އެ އިދާރާ އަށް ރިޕޯޓްކޮށްފައިވެ އެވެ.
މި މައްސަލަ ތަހުގީގުކުރާ ކަމަށް ބުނުން ފިޔަވާ، އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގި ސިނަމަން ވިލުފުށި ރިސޯޓަކީ އެ އަންހެން މީހާ މަސައްކަތްކުރާ ތަނެވެ. ކުއްޖާގެ މަރާ ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ފުލުހުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފަ އެވެ. ނަމަވެސް، މި ޝައްކުތަކާ ގުޅޭ މައުލޫމާތު ފުލުހުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ.


