އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2026 ވަނަ އަހަރަށް ކަނޑައެޅުއްވި އައު އަހަރުގެ އަޒުމަކީ ”ދުނިޔެއަށް ސުލްޙަ“ ގެނައުން ކަމަށް އިއުލާނު ކުރައްވައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ ފްލޮރިޑާގެ މާރ-އަ-ލާގޯ ރިސޯޓުގައި ބޭއްވި ކުލަގަދަ އައު އަހަރުގެ ހަފްލާގައެވެ. މި ހަފްލާގައި ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މެލާނިއާގެ އިތުރުން އެމަނިކުފާނުގެ ސިޔާސީ އެކުވެރިންނާއި، ތާއީދުކުރާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފްލާގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ދުނިޔޭގައި ސުލްހަ ގާއިމުކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެމަނިކުފާނަކީ ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގެ މޭސްތިރިއެއްގެ ގޮތުގައި ސިފަކުރައްވަމުން، ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި ހޯއްދެވި ކާމިޔާބީތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދުނު ހަނގުރާމަ އާއި، ތައިލެންޑާއި ކެމްބޯޑިއާގެ ދެބަސްވުންތަކުގެ އިތުރުން މެދުއިރުމަތީގެ ގިނަ ހަމަނުޖެހުންތަކެއް އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ހައްލުކުރެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަޝިޔާ އާއި ޔޫކްރެއިންގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ވެސް ޓްރަމްޕް ދަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. ސަރުކާރުގެ އިސް އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، ޓްރަމްޕްގެ އަމާޒަކީ ގިނަ އަހަރުތަކެއް ވަންދެން ދެމިގެންގޮސްފައިވާ މި އަސްކަރީ އަދި ސިޔާސީ ނުތަނަވަސްކަން ސުލްހަވެރިކަމާއެކު ނިންމުމަކަށް ގެނައުމެވެ.
މާރ-އަ-ލާގޯގައި ބޭއްވި މި ހަފްލާއަކީ ވަރަށް މުނިފޫހިފިލުވުން ގިނަ، ފުރިހަމަ ހަފްލާއެކެވެ. މި ހަފްލާގައި ރައީސް ޓްރަމްޕް ފެނިވަޑައިގަތީ ކަޅު ކުލައިގެ ޓަކްސީޑޯއެއްގައެވެ. އަދި އަރިހުގައި އިންނެވި މެލާނިއާ ޓްރަމްޕް ހުންނެވީ ރިހި ކުލައިގެ ވިދާ ހެދުމެއްގައެވެ.
ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސްގެ މި އަމާޒަކީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އުންމީދު ކުރާ ކަމެކެވެ.


