ނެޓްފްލިކްސްގެ މަޝްހޫރު ސައިންސް ފިކްޝަން ސީރީޒް ”ސްޓްރޭންޖަރ ތިންގްސް“ ފަސް ސީޒަނަށްފަހު ރަސްމީކޮށް ނިމުމަކަށް އައިސްފައިވީ ނަމަވެސް، އެ ސީރީޒްގެ ސިއްރު އެޕިސޯޑެއް ނެރެން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއެކު ފޭނުންގެ މެދުގައި ބޮޑު ހަލަބޮލިކަމެއް އުފެދިއްޖެއެވެ.
މި ސީރީޒްގެ ފަހު ސީޒަން ނިމިގެންދިޔައީ ޖުމްލަ އަށް އެޕިސޯޑާއެކުގައެވެ. އަސަރުގަދަ ނިންމުމަކަށްފަހު، 18 މަސް ދުވަހުގެ މުއްދަތެއް ފަހުން ކަންތައްތައް ވީގޮތް ދައްކައިދޭ ’އެޕިލޯގް‘ އަކާއެކު 1980 ގެ އަހަރުތަކުން ފެށިގެން ދައްކަމުން އައި މި ވާހަކަ ވަނީ ނިންމާލާފައެވެ. މި ސީޒަނުގައި ކެރެކްޓަރުން ’ވެކްނާ‘ އާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު އެމީހުންގެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތް ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ.
ނަމަވެސް، ސޯޝަލް މީޑިއާގައި މިހާރު ފެތުރެމުންދާ ”ކޮންފޯމިޓީ ގޭޓް“ ތިއަރީގައި ބުނާގޮތުން، ސީރީޒްގެ އެންމެ ފަހު މަންޒަރުތަކަކީ އަސްލެއް ނޫނެވެ. އެއީ ވިލަން ވެކްނާ އުފައްދާފައިވާ ވަހުމެއް ކަމަށާއި، މި މަހުގެ 7 ވަނަ ދުވަހު ނުވަވަނަ އެޕިސޯޑެއް ނެރެ ހަގީގަތް ހާމަކުރާނެ ކަމަށް ބައެއް ފޭނުން ދަނީ ބުނަމުންނެވެ.
މި ވާހަކަތައް ބޮޑަށް ފެތުރެން ފެށީ ފޭސްބުކް އާއި ޓިކްޓޮކް ފަދަ ވަސީލަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯތަކާއި ޕޯސްޓަރުތައް ދައުރުވާން ފެށުމުންނެވެ. މި ޕޯސްޓްތަކުގައި ސީރީޒްގެ މައިގަނޑު ކެރެކްޓަރުން އަލުން ބައްދަލުވާ މަންޒަރުތައް ހިމަނާފައިވެއެވެ. ގިނަ ފޭނުން މި ބަހުސްގައި ބައިވެރިވަމުންދާއިރު، ބައެއް މީހުން މިކަން ބަލައިގަންނަނީ މަޖާ ކަމެއްގެ ގޮތުގައެވެ.
މިކަމާ ގުޅޭގޮތުން ނެޓްފްލިކްސްއިން ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ސީރީޒް އުފެއްދި ޑަފަރ ބްރަދާސް ކުރިން ބުނެފައިވާ ގޮތުގައި، ސީރީޒް ނިންމާލީ ކެރެކްޓަރުން ކުޑަކުދިންގެ އުމުރުން ބޮޑެތި މީހުންގެ އުމުރަށް ބަދަލުވިކަން ރަމްޒުކޮށްދެމުން، މުޅި ވާހަކައަށް ފުރިހަމަ ނިމުމެއް ގެނެސްދެމުންނެވެ.
މިވަގުތު ނެޓްފްލިކްސްއިން އިއުލާނުކޮށްފައިވަނީ ހަމައެކަނި މި މަހުގެ 12 ގައި ނެރުމަށް ހަމަޖެހިފައިވާ ”ވަން ލާސްޓް އެޑްވެންޗަރ: ދަ މޭކިންގ އޮފް ސްޓްރޭންޖަރ ތިންގްސް 5“ ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެކެވެ. ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ މަގުބޫލު ސީރީޒްތައް ނިމުމުން ހަގީގަތާ ހިލާފު ޚަބަރުތައް ފެތުރުމަކީ އާންމު ކަމެކެވެ.


