ދިވެހިރާއްޖޭގެ އަޑުން ޢާންމު ސިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑުން ވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު ޚާއްސަ ކަވަރޭޖެއް ގެނެސްދީފައެވެ.
އެގޮތުން، ޢާންމު ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް ދިވެހިރާއްޖޭގެ އަޑުން ކުރެއްވި ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަކޮށްލެވޭ މުހިއްމު ޕްރޮގްރާމްތަކާއި ޚަބަރުތައް އަޑުން ގެނެސްދެއްވާފައިވާ ކަމަށެވެ. އަދި އެދުވަސްވަރެއްގައި ފެތުރެމުންދާ އެކި ބަލިމަޑު ކަމާއި ގުޅިގެން ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭ މުހިއްމު މަޢުލޫމާތުތައް އަޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔެއާއި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް އެންމެފަހުގެ އެންމެ ސައްޙަ މަޢުލޫމާތު ގެނެސްދިނުމުގެ ނަތީޖާއަކީ، ދިވެހީން ކަންކަމަށް ލޯހުޅުވިގެން ދިޔުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީހުންގެ ނަފްސު ބިނާކުރުމަށް ބޭނުންވާ އެކި މަޢުލޫމާތު ވަރަަށް ބޮޑަށް ރޭޑިއޯ މެދުވެރިކޮށް ގެނެސްދީފައިވޭ. އަޅުގަނޑު މިހާހިސާބަށް އައުމުގައި އަދި އަޅުގަނޑު ޑިސިޕްލިން ކުރުމުގައި ވަރަށް މުޙިއްމު ދައުރެއް ރޭޑިއޯ އަދާކުރި. ވަޒީރު
ސިއްޙީ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ރޭޑިއޯއިން ގެނެސްދިން ޕްރޮގްރާމްތަކާއި، ލަވަތަކާއި ގުޅޭގޮތުން ވެސް ވަޒީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަމައެއާއެކު ރާއްޖޭގައި އަސާސީ ތަޢުލީމުގެ ދާއިރާ ފުޅާކުރުމުގައިވެސް ޚާއްސަ ދައުރެއް އަޑުން އަދާކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރޭޑިއޯ ވެފައިވަނީ އިހުގެ ދިވެހީންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ޙިއްސާއަކަށް ކަމަށް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.


